މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ މިންވަރު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމަވައިފިއެވެ.
ރާއްޖެ އިން ބޭރުން މިހާރު ޑެބިޓް ކާޑުން ކެނޑޭނީ 500 ޑޮލަރެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު، ރާއްޖޭގެ 31 ރަށަކަށް ފެއްޓެވި 8 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، މ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، މިރޭ މުލީގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ނޮވެމްބަރު 11 އަކީ ބީއެމްއެލްގެ އަހަރީ ދުވަސްކަމަށާއި އެ ދުވަހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ހަމަ އެ ތާރީހުން ފެށިގެން ބޭސް ފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކްގައި އެދުމުން ޑެބިޑް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ބަދަލުތައް ގެންނަން ނިންމެވީ، އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޑޮލަރު ގަނެގެން ދިވެހިން އުޅެން ޖެހޭ އަޅުވެތިކަމުން އަރައިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.

