އަންނަ އަހަރު ތ.މަޑިފުށީގައި 50 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަޑިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ގެދޮރުވެރިކަމަކީ، ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވުމުން، ވަކި ސަރަޙައްދެއްގައި ހިންގާ މަޝްރޫއުއެއްގެ ގޮތުގައި، ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރާ ގޮތަށް، އެ މަޝްރޫއު ހިންގަވައިދެއްވާނެ ކަމަށެވެ.
މިދަތުރުފުޅުގައި ހިމެނިގެން މިއަދު އެ ރަށުގައި ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފައެވެ.
އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ.
މި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ، މިއިން ކޮންމެ މަސައްކަތެއްވެސް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ފުލުހުންގެ ވެހިކަލެއްވެސް ރަށަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވަނީ، މަޑިފުށީގެ އިހުތިސޯސްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވިކަމުގެ ލިޔުން، މަޑިފުށީ ކައުންސިލާ ހަވާލުކުރައްވާފައެވެ.

