ނަފްސާނީ ސިއްހަތުގެ ދާއިރާއިން ދިވެހީންނަށް ކުރިއަށް ދެވިދާނެ ކަމަށް ފަސްޓްލޭޑީ ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެކަމަނާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ހިންގި ”ޕިއަރ ސަޕޯޓް ސްކޮޑް“ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރުކުރީގައި ބޭއްވި މި ރަސްމިއްޔާތުގައި ފަޒްނާ ވަނީ ރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން އެކަމަނާ ވަނީ ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެއްވަރަށް ދިވެހިން ނުލިބޭކަން ފާހަގަކުރައްވާފައެވެ.

އެކަމަނާ ވިދާޅުވިގޮތުގައި ސައިކޮލޮޖިސްޓުންގެ ވަޒީފާ އަދާކުރާނެ ދިވެހިންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، ތަމްރީންތައް ނިންމާ ދަރިވަރުން ދާއިރާގައި މަސައްކަތް ކުރެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމުގައެވެ. އަދި، ސަބަބަކީ ނަފްސާނީ ބަލި ތަޙައްމަލް ކުރާ މީހާ އިތުރު ތަރުޖަމާނެއް މެދުވެރިނުކޮށް ސީދާ ޑޮކްޓަރާ ވާހަކަދެއްކުމަށް ބޭނުންވާނެތީކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެެ.

މީގެ އިތުރުން ވެސް ސައިކޮލޮޖީގެ ދާއިރާއިން ކިޔަވާ ދަރިވަރުން ވެސް ޑިގްރީއާ ހަމައިން ކިޔެވުން ނިންމާނުލައި، މި ދާއިރާއިން މާސްޓަރސް ފެންވަރަށް ކިޔެވުމަށާއި، ލައިސަންސް ނެގުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް ދަރިވަރުން ހިތްވަރުކޮށްގެން ވެސް ލައިސަންސް ނެގުމަށްވެސް ފަޒްނާ ވަނީ ބާރު އަޅުއްވާފައެވެ.

އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެތައް ބަޔަކު ގުޅިގެން ކުރެވޭ މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިން ހިންގި ”ޕިއަރ ސަޕޯޓް ސްކޮޑް“ ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނަކީ، އެ ފެކަލްޓީގެ ދަރިވަރުންނަށް ބޭއްވޭ ޕިއަރ ސަޕޯޓް މީޓިންތައް ރާވައި ހިންގުމުގެ މަސައްކަތްތައް ކުރުމަށް ތަމްރީން ކުރެވުނު ދަރިވަރުންނެވެ.

ނަފްސާނީ ދުޅަހެޔުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ޕިއަރ ސަޕޯޓް މީޓިންގތައް ބާއްވާނީ ފެކަލްޓީގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ހުޅުވާލައިގެންނެވެ.