ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އދ. މާމިގިލީގައި ދެމުންދާ ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދު އައު ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ.

އެ ބްރާންޗްގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ބްރާންޗްގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 248 އޭޓީއެމްގެ ހިދުމަތް ބީއެމްއެލުން ވަނީ ގާއިމުކޮށްފައެވެ.