އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގި ޖަރީމާތަކަށް އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ރާއްޖޭން ބުނެފިއެވެ.
އިޒްރޭލުން ޣައްޒާ ހަނގުރާމަ ހުއްޓައިލަން ހަމާސް އާއި އިޒްރޭލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ހުށަހަޅުއްވާފައިވާ ޕީސް ޕްލޭނަށް އެއްބަސްވެ އަމަލުކުރަން ވަނީ ފަށައިފައެވެ.
އެކަމާ ގުޅިގެން ރާއްޖޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާއި ހަމާސް އިން ހަނގުރާމަ ހުއްޓައިލަން އެއްބަސްވުމުން އެކަމަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ.
ބަޔާނުގައި ބުނީ އެ އެއްބަސްވުމަކީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ކޮންމެވެސް ވަރެއްގެ އުއްމީދެއް ކަމަށެވެ.
އަދި އެއީ އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ކުރިއަށް އޮތް ދިގު ދަތުރުގެ ފެށުމެއް ކަމަށާއި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭކަމަށެވެ.
އެ ބަޔާނުގައި ބުނީ މީގެ ކުރިން ވެސް ސުލްހަ ގާއިމުކުރަން ވެފައިވާ އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ.
ނަމަވެސް މި އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބަޔާނުގައިވެއެވެ.

