މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ގެ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ”ބަލްކް“ ޝިޕްމެންޓް ރާއްޖެ ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ، ބޮޑުހިލައިގެ ފުރަތަމަ ބަލްކް ޝިޕްޓްމެންޓް ރާއްޖެ ގެނައީ ހުކުރު ދުވަހު ކަމަށެވެ.

އެ ކުންފުނިން ބުނީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުުދުފުޅާއި އެއްގޮތަށް، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކް ޝިޕްމެންޓްގައި 56،450 ޓަނުގެ ބޮޑު ހިލަ ރާއްޖެ އެތެރެކުރެވިފައިވާ ކަމަށެވެ.

މި ޝިޕްމެންޓުން ފުރަތަމަ ހިލަ ފޯރުކޮށްދީފައި ވަނީ ބ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށާއި، މިއީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމްލަ އަދަދު ކަަމަށްވެސް އެމްޓީސީސީން ބުނެއެވެ.