އާންމު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

އެ މިނިސްޓްރީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އާންމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އަދި މިފަދަ ޝަކުވާތަކާއި މިނިސްޓްރީގެ މޮނިޓަރިން ނިޒާމުގެ ތެރެއިން ގަވާއިދާ ހިލާފު އަމަލުތައް ސާބިތުވާ ފަރާތްތަކާމެދު މިހާރުވެސް ގާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް މިނިސްޓްރީން ވަނީ، ފާހަގަކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މައްސަލަތަކާ ގުޅިގެން އުޅަނދުގެ ވެރިފަރާތާއި، އުޅަނދު ދުއްވި ފަރާތުގެ އިތުރުން އުޅަނދު ޓެކްސީ ކުރުމަށް ރަޖިސްޓަރ ކޮށްފައިވާ ސެންޓަރުތަކާމެދުވެސް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށާއި، މި ހިދުމަތް ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުން ގާނޫނާ ގަވާއިދުގެ ތެރެއިން އަމަލުކުރުމަށް އަންގައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.