ފައިސާ ދިނަސް ”ގެދޮރުވެރިޔާ“ ސްކީމްގެ ފްލެޓު ލިސްޓުން ޖާގަ ނުލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދޮގު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ބައެއް ފަރާތްތަކުން ފައިސާ ދިނުމުން ފްލެޓް ލިސްޓުގައި ނަން ހިމަނާ ކަމަށް ތުހުމަތުކުރާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”ފައިސާ ނަގައިގެން މިކަންކޮށްގެން ސްކޭމްކޮށްގެން ލިސްޓަށް އެރިދާނެކަމަށް ސްކޭމް ކުރާ ފަރާތްތަކާ ވާހަކަދައްކައިގެން އެކަން ނުކުރުމަށް އެދެން. ކިތަންމެ ފައިސާއެއް ދިނަސް ނެތް ލިސްޓަކަށް ނޭރޭނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ވަނީ، އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށްދޭ މައްސަލަ ގާނޫނުގެ ތެރޭގައި ހިމަނައިގެން މި ސަރުކާރުން ހައްލުކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.
ސަރުކާރުން އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަބަދުވެސް ހިންގަނީ ބޮޑެތި ލޯނުތައް ނަގައިގެންކަމަށާއި، އެފަދަ ލޯނުތައް ނަގަނީ، އެ ފްލެޓްތަކުން ކުލި ލިބޭނެކަމަށް ބަލައިގެންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބައެއް މީހުން ކުލި ނުދެއްކުމުގެ ސަބަބުން، ބޯހިޔާވަހިކަން އެންމެ ބޭނުންވެފައި ތިބި ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

