ސަރުކާރުން ކުރިން ހިންގާފައިވާ ހައުސިން ސްކީމްތަކުން ފްލެޓް ލިބިފަވާ 976 ދެމަފިރިޔަކަށް، ”ގެދޮރުވެރިޔާ“ ސްކީމުން ވެސް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެހެން ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިޔަކު ލިސްޓުގައި ހިމެނޭއިރު، މީގެ ތެރެއިން 645 މީހުންނަކީ 76 މާކްސްއިން މަތިން ޕޮއިންޓް ލިބިގެން ފްލެޓް ލިބޭކަމަށް ކަނޑައަޅައިފައިވާ މީހުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފަރާތްތަކަށް ފްލެޓް ނުދީ ވާނެ ގޮތުގެ ގާނޫނީ ލަފާ ދެ ފަހަރު މަތީން ހޯދި ކަމަށެވެ.

ނަމަވެސް ގާނޫނު އޮތްގޮތުން، އެ ފަރާތްތަކަށް ފްލެޓް ނުދީ ވާނެ އެއްވެސް ގޮތެއް އަދި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެފަދަ އުސޫލެއްވެސް ހެދިފައި ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”ދެމަފިރިންނަށް ފްލެޓް ދިނުން މަނާކުރާ ގާނޫނެއް ނުވަތަ އުސޫލެއް ނެތް. 976 ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކުރީގެ ސްކީމުތަކުން ފްލެޓް ލިބިފަ އޮތީ. ސޮއިކޮށް ޕްލޮޓް ކަނޑައަޅާފަ އޮތީ. އެހެންވީމަ މިކަން ހުއްޓުވޭކަށް ނެތް، ދޭން އެބަ މަޖުބޫރުވޭ. އެޗްއާރްސީއެމްއާއެކުވެސް މަޝްވަރާކުރިން.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކަން އެގޮތަށް އޮތުމުން އެތައް ބައެއްގެ ހައްގު ގެއްލޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަން ހައްލު ކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.