މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްފަހު ރަސްމީކޮށް މަގާމަށް އައްޔަނު ކުރައްވައިފިއެވެ.

މި އައްޔަނު ކުރެއްވުމާއެކު، އައު ގާނޫނުގެ ދަށުން އުފެދޭ މި ކޮމިޝަންގެ މެންބަރުން މިވަނީ ހަމަވެފައެވެ.

އެމްއެމްބީސީ އަށް މަޖިލީހުން ފާސްކޮށް، މަގާމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ:

ހ.ޓޫހާރޓްސް، މުހައްމަދު ފަރުސަތު

ދ.މިދޫ، ބިއްލޫރިވިލާ، ސަފާ ޝަފީގު

ގ.ގޮފި، އާމިނަތު ސަރާހަތު އިއްޒަތު

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޝަންގެ ބާކީ ހަތަރު މެންބަރުން ވަނީ މިމަހުގެ 13 ވަނަ ދުވަހު އިންތިހާބަކާ ނުލައި ހޮވިފައެވެ.

އޭގެތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި އަބްދުލްއަޒީޒް އިބްރާހީމާއި، ޒަމްއަތު އަހުމަދު ވަހީދާއި، އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ސިމާހާ ނަސީމާއި، ހުސައިން ސަގީފު ވަނީ ހޮވިފައެވެ.

މީޑިއާ ކޮމިޝަން އުފެދިގެން އައިސްފައިވަނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުންނެވެ.