ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ދިއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ދިއްފުށި ކައުންސިލު މެންބަރުންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއުގެ ދަށުން ފިޓްނަސް ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 4000 އަކަފޫޓުގެ ސަރަހައްދެއްގައެވެ.
މި މަޝްރޫއު އެމްޓިސީސީއާ ހަވާލުކުރީ 5.34 މިލިޔަން ރުފިޔާއަށް 240 ދުވަހުން ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ކޮނުމާއި ބިންގަނޑު އެއްވަރު ކުރުމުގެ މަަސައްކަތާއި، ކޮންކްރީޓު މަސައްކަތާއި، ފުރާޅުގެ މަސައްކަތާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއި، ތަޅުންގަނޑު، ސީލިންގް، ފާރުގެ ފިނިޝިން މަސައްކަތް އަދި މެކޭނިކަލް އަދި ކަރަންޓުގެ މަސައްކަތާއި ޕްލަންބިން އާއި ނަންބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

