ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަކޮށްވެސް އިހްލާސްތެރި ކަމެެއް ނެތް ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ހއ.ތުރާކުނަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީން ވިދާޅުވީ ސަރުކާރަށް ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކޮށްނުދެވެނީ، އިހްލާސްތެރި ކަމެއް ނެތުމުން ކަމަށެވެ.

”ރައްޔިތުންނާ ހަމައަށް ވަޑައިގެން، ރައްޔިތުންނަށް ހުވަފެން ދައްކަވާއިރު، ރައްޔިތުން ކައިރީގަ އެކި ވާހަކަފުޅު ދައްކަވާއިރު، އެބޭފުޅުންނަށް ހެއްދެވުނުހާ ދޮގުތަކެއް ހައްދަވައިގެން ވާހަކަ ދައްކަނީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ވެރިކަން ހޯދީ، ރައްޔިތުން ކައިރީގައި ބޮޑެތި ދޮގުތަކެއް ހަދައިގެން ކަމަށާއި، ވެފައިވާ ވައުދުތައްވެސް ފުއްދަމުން ނުދާ ކަަމަށެވެ. އެމަނިކުފާނު ވަނީ ރައްޔިތުންނަށް އޮޅުވާލާ ބަޔަކަށް ލައްވާނީ ކޮން ރަހުމަތެއްތޯވެސް ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ ދިވެހިރާއްޖެ އަކީ ކުޑަ، އަދި ވަސީލަތްތައްވެސް މަދު ގައުމަކަށްވާތީ، ކުރިއަރައިދިއުމަކީ ރާއްޖެއަށް ދަތި އުނދަގޫ ކަމަކަށްވާނެ ކަމަށް ބުނާ އަޑު އަބަދުވެސް އިވޭ ކަމަށާއި، އެހެންނަަމަވެސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ސިންގަޕޫރު ފަދަ ގައުމުތަކަކީ ވަރުގަދަ ގައުުމުތަކަށް ވެފައިވަނީ، އިހްލާސްތެރި މަސައްކަތްތަކެއް ކޮށްގެން ކަމަށާއި، އެއީ ބޮޑު ގައުމަކަށް ވެގެން ނޫން ކަަމަށެވެ.

މީގެއިތުރުން ރައީސް ޔާމީން ވަނީ، ޕީޕީއެމަކީ ގައުމީ މަސައްކަތްތަކެއް ކުރާ ސިޔާސީ ޕާޓީއެއްކަން ފާހަގަކުރައްވައި، އެ ޕާޓީން މަސައްކަތް ކުރަމުންދަނީ ރާއްޖެއަކީ ދިވެހީންގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ދެމެހެެއްޓުމަށް ކަމަށް ވިދާޅުވެފައެވެ.