ގައުމެއް އާރާސްތުވެ ކުރިއަރާނީ ސިކުނޑިތަކާއި އަތްތައް ތަރައްގީވެ، ވިސްނުންތެރިކަމާއި އުފެއްދުންތައް މަތިވެރިވެގެންކަމަށާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމަށް އަދު ހުޅުވާލެވިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް، ފަސްްޓްލޭޑީ ސާޖިދާ މުހައްމަދު، ދިވެހި ހުރިހާ ޒުވާނުންނަށް ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން، ގާބިލު، ދިވެހި ޒުވާނުން އުފެއްދުމަށް ބާރު އަޅާ، އެ ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމުގެ މަގްސަދުގައި، މޯލްޑިވްސް ޕޮލިޓެކްނިކުން އިންތިޒާމުކުރައްވައިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ، ”ސްކިލްފެސްޓް“ އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، އިންސާނާ ޚަލްޤުކުރައްވާފައިވަނީ އޭނާގެ ކިބައިގައި އެތައް ހުނަރެއް ހިމެނިގެންވާ ގޮތަށްކަމަށާ، ފަހުން ކުރަން ޖެހޭ ކަމަކީ، އެ ހުނަރުތައް ތަރައްޤީކޮށް، ފެންވަރު މަތިކުރުންކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްކުރެވެން ހުރި މަސައްކަތްތަކާއި ތަރައްޤީކުރެވެން ހުރި ހުނަރުތައް ދަސްކުރުމުގެ ފުރުސަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ފުރުސަތެއްކަން ފާހަގަކުރައްވަމުން ސާޖިދާ ވަނީ، އުފާވެރި، އުފެއްދުންތެރި އަދި ގަދަރުވެރި ދިރިއުޅުމަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ހުނަރުވެރި ޖީލެއް އޮތް ގައުމެއް ކަމަށާ، ކުރީގެ ޖީލުތަކަކީ ދުނިޔެއަށް އެ ހިނދަކަށް އައި ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކާއި އެއްހަމައެއްގައި ކުރިއަށްދިޔަ ބައެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތަފާތު އެކި ދާއިރާތަކުން ޢިލްމާއި ހުނަރު ދަސްކުރުމުގެ ފުރުސަތުތައް މިއަދު އިންތިހާއަށް ފަހިވެފައިވާއިރު، މަސައްކަތްތެރިކަން ދިރުވުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިވެހި ޒުވާނުން ފަސްނުޖެހޭނެކަން ގަބޫލުފުޅުކުރައްވާކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް، އެކި ނަންނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކުން، ފާއިތުވީ ބައި ޤަރުނުގެ ތެރޭގައި ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން، މެޑަމް ސާޖިދާ ވަނީ، މި ދާއިރާއަށް އެކިދުވަސްވަރު ހިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ”ސްކިލްފެސްޓް“ އޯޕަންޑޭ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މިރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ އެކަމަނާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

މީގެ އިތުރުން، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ރަމްޒުކޮށްދޭ ބޯޑުގެ މަސައްކަތް ފައްޓަވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

އެއަށްފަހު އެކަމަނާ ވަނީ، ”ސްކިލްފެސްޓް“ އޯޕަންޑޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ލިބެން ހުރި ފުރުސަތުތައް ބައްލަލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ.

”ސްކިލްފެސްޓް“ އޯޕަންޑޭ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް، ޑރ. އަލީ ހައިދަރު އަހުމަދާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްވެރިންނާއި، ބޭރުގެ އިއްޒަތްތެރީން ބައިވެރިވެވަޑައިގަތެވެ.