އަންްނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ދަރަނި އަދާކުރަން ހިމަނާފައި އޮތް 9.3 ބިލިޔަން ރުފިޔާ އަކީ ބަޖެޓްގެ ބައެއް ނޫން ކަމަށާއި، އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް، 64 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
ސަރުކާރުން މި އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެކެވެ.
ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ.
މި ބަޖެޓުގެ 62 އިންސައްތައަކީ ރިކަރަންޓް ހަރަދު ނުވަތަ ހިންގުމުގެ ހަރަދު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ ވިދާޅުވެފައެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ޖުމުލަ ބަޖެޓުގެ އަދަދު ރިކޯޑު މިންވަރެއް ކަމަށްވާ 64 ބިލިއަން ރުފިޔާއަށް އެރީ އެ ދަރަނި ދައްކަން ޖެހުމުގެ ސަބަބުން ކަމަށެވެ.
އެކަމަކު، އެ ހަރަދު ކަނޑާލުމުން ބަޖެޓަކީ ޖުމުލަ 55 ބިލިއަން ކަމަށް އޭނާ ވިދާޅުވިއެވެ.

