އިންސާނުންނަކީ ދިރިއުޅުމުގައި ތަފާތު އެކި ކަންކަމާ ކުރިމަތިލާން ޖެހޭނެ ބައެކެވެ. އުފަލާއި ހިތާމައެވެ. މިއިން ކޮންމެ ހާލަތަކީ ވެސް އިމްތިހާނެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއް ކަމާއި، އާޚިރަތަކީ ދާއިމީ ގޯތިކަން މާތްﷲ އަހަރުމެންނަށް އަންގަވައިފައިވާއިރު، މި ދުނިޔެއާމެދު ވިސްނަން ޖެހޭނީ އާޚިރަތުގެ މަންޒިލު ކަނޑައަޅަން ލިބޭ ފުރުސަތެއްގެ ގޮތުގައެވެ.
މާތްﷲ ވަނީ އީމާންވި އަޅުތަކުން އިމްތިހާނު ކުރައްވާނެކަން އަންގަވައިފައެވެ.
މުލްކު ސޫރަތުގެ ދެވަނަ އާޔަތް ބައްލަވާށެވެ.
ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلࣰاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ
މާނަ: ”އެކަލާނގެއީ މަރުވުމާއި އަދި ދިރުން ހެއްދެވި ކަލާނގެއެވެ. އެބަހީ ދުނިޔޭގައި މަރުވުމަށްފަހު އަލުން آخِرة ދުވަހަށް ދިރުއްވާ ކަލާނގެއެވެ. އެއީ ތިޔަބައިމީހުން އިމްތިހާނު ކުރުވައި ތިޔަބައި މީހުންކުރެ ޢަމަލު ކުރުމުގައި އެންމެ ރަނގަޅީ ކާކަން އެކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ. އެކަން ތަހުގީގު ކުރައްވައިދެއްކެވުމަށްޓަކައެވެ. އަދި އެކަމުގެ ޖަޒާ ދެއްވުމަށެވެ. އަދި އެކަލާނގެއީ ގަދަފަދަ ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.“
ދިމާވާ އުނދަގޫތަކަށް ކެތް ކުރުމަކީ ޘަވާބު ލިބޭނެ ކަމެއް ކަމާއި، ހެވެއް ނޫނީ އެކަލާނގެ އަޅުތަކުންނަށް މިންވަރު ނުކުރައްވަވާނެކަން އަހަރުމެން އެއްވެސް ޝައްކެއް ނެތި ގަބޫލު ކުރަން ޖެހެއެވެ. އަހަރުމެންނަށް ލިބޭނެ އަނބިންނާއި ފިރިންނާއި، ދަރިންނާއި، މުދަލާއި ތަނަވަސްކަން ދެއްވަނީ އެކަލާނގެއެވެ.
މާދަމާ ވެރިއަކަށް ހުންނާނީ ކާކުކަން ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެހެންވީއިރު، ދިމާވާ ކޮންމެ ކަމެއްގައި މާތްﷲއަށް އެންމެ ފުރިހަމައަށް އިތުބާރު ކުރަންޖެހެއެވެ.
ދުނިޔޭގައި ވާހައި އެއްޗަކާއި، އަހަރުމެންނަށް ނުފެންނަ ހުރިހާއެއްޗެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ. އެހެންވެ، އަހަރުމެންނަށް ކުރަން އޮތް ކަމަކީ ކޮބައިތޯއެވެ؟ އެއީ މާާތްﷲއަށް އަޅުކަން ކުރުމަށްފަހު، އެކަލާނގެއަށް އެންމެ ފުރިހަމައަށް އިތުބާރު ކުރުމެވެ. އެކަލާނގެއަށް ވަކީލު ކުރުމެވެ.
އާޚިރަތުގައި ކެތްތެރިންނަށް މާތް الله މިންވަރު ކުރައްވާފައި ދަރުމަ އާއި ސަވާބު އެއްވެސް މީހަކަށް ވަޒަނެއް ނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
ކެތްތެރިވާމީހުންނަށް ދެއްވާ ދަރުމަޔާއި ސަވާބަކަށް ވަކިމިންވަރެއް، ހިސާބެއް ނެތެވެ. ”إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ” (الزمر 10) މާނައީ: ”ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ.“
ކީރިތި ޤުރުއާނާއި ސުންނަތުގައި ކެތްތެރީންނަށް ހުރި މަތަވެރިކަމުގެ ވާހަކަ ވަނީ ބަޔާންކުރައްވާފައެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ.
”وَاللّهُ يُحِبُّ الصَّابِرِينَ” (آل عمران 146) މާނައީ: ”ކެތްތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.“ އަދިވެސް ވަހީކުރައްވާފައިވެއެވެ. ”إِنَّ اللّهَ مَعَ الصَّابِرِينَ“ (البقرة 153) މާނައީ: “ ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.“
ޔަގީން ކުރާށެވެ. މިންވަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައެވެ. އަދި ދަތި އުދަނގޫ ކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ވެސް ނުދާނެއެވެ. މިންވަރަށް އީމާންވުމަކީ ސުވަރުގެ ވަނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މާތް الله އަކީ ހުރިހާ ކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެކަން އަބަދުމެ ހަނދާންކުރުމަކީ ނަފުސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ.
އަދި ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން ގަބޫލު ކުރާ މީހަކު މާޔޫސްވާކަށް ނުޖެހޭނެއެވެ.
އީމާންކަން ހަރުދަނާވެ ތާޒާވުމަކީ ހިތުގެ ސާބިތުކަން ވަރުގަދަވެ, ހަޔާތަށް އާރޯކަން ލިބި, އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާނެވެސް ކަމެކެވެ.

