2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށާއި، އެކަން އެހެން ނުވާނަމަ، ވޯޓު ކަރުދާސް ޗާޕު ކުރާނީ ރާއްޖޭގައި ނޫން ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ޕީއެންއެފްއިން ބޭއްވި އެ ޕާޓީގެ  ޖަލްސާގައެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ހިނގަމުންދާ ޝަރީއަތްތައް އަވަސް ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ބޭފުޅުންނާއި މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ޔާމީން ފާހަގަކުރެއްވިއެވެ.

”ހަމަ ކަށަވަރު ބަސް ދެމުންދެމުން އެ އަންނަނީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓު ކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީކީ. ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ.“ ޔާމީން ވިދާޅުވިއެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސްގެ މަގާމަށް ޔާމީން އަދި ނައިބުންނަށް އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީންގެ އިތުރުން ޑރ.މުހައްމަދު ޖަމީލު ވަނީ ހޮވިވަޑައިގެންފައެވެ.

ޕާޓީގެ މަގާމުތަކަށް އެބޭފުޅުން އިންތިހާބުވެ ވަޑައިގެންނެވިއިރު، އެ މަޤާމުތަކަށް އިތުރު ބޭފުޅުން ކުރިމަތިލައްވާފައެއް ނުވެއެވެ.