ދުންފަތުގެ ”ޖެނެރޭޝަނަލް ބޭން“ އަކީ ދުންފަތާ ދެކޮޅަށް ކުރެވޭ ގައުމީ މުހިންމު މަސައްކަތެއްކަމަށާއި، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ހުރިހާ އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން މުހިންމުކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް މިފަދައިން ވިދާޅުވީ، ދުންފަތާ ދެކޮޅަށް ރާއްޖޭން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި ”ނޭޝެނަލް ޓޯޗް ރަން“ ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދުން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފ ނޮވެމްބަރު މިވަނީ ފެށިފައެވެ.
މިއާއެކު 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިއްކުންވެސް މަނާވީއެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގައި ދިމާވާ ސިއްހީ ގިނަ މައްސަލަތައް ގުޅިފައިވަނީ ސިއްހަތާ ބީރައްޓެހި އަދި ކަނޑައެޅިގެން ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކާކަމަށެވެ.
އަދި މިފަދަ އާދަތަކުން މުޖުތަމައުއާއި ޅަދަރިން ރައްކާތެރިކޮށް އަދި ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކޮށް ސިއްހީ ގޮތުން ރައްކާތެރި، ސިއްހީ ދުޅަހެޔޮކަމަށް މަގުފަހިވާނެހެން ކަންކަން ތަރުތީބުކުރުމަކީ މިއަދު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަންތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިގޮތުން ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ގައުމަކަށް ރާއްޖެވެގެންދާއިރު، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުކަމަށް ނާޒިމް ވިދާޅުވިއެވެ.
”މިއަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހު ރައީސް ޖެނެރޭޝަން ބޭންގެ ގާނޫނު ތަންފީޒުކުރެއްވުން، އަދި އެ ގާނޫނުގެ ދަށުން އަޅުގަނޑުމެންގެ ޒުވާން ޖީލު ރައްކާތެރިކޮށްދެއްވާނެކަމަށް ދެއްވި ޔަގީންކަމާއެކު ދިވެހިރާއްޖެ ވެގެން މިދަނީ މިފަދަ ސިޔާސަތެއް ދުނިޔޭގައި ތަންފީޒުކުރާ އެންމެ ފުރަތަމަ ގައުމަށް. މި ނެންގެވި ތާރީހީ އަދި ބޯލްޑް ނިންމެވުމަށް ދުނިޔޭގެ އެހެނިހެން ގައުމުތަކުންނާއި ސިއްހަތާ ތާގުޅުންހުރި އިދާރާތަކުން ތައުރީފުކޮށް ރައިސާއި ސަރުކާރަށް ވަނީ އެކަމުގެ ތައުރީފުކޮށްފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތްކަމަށާއި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެ ނިއުމަތަށް އިހުމާލުނުވެ ރައްކާތެރިވުންކަމަށެވެ.
އަދި ސަލާމަތް ސިއްހަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ސިއްހީ ދާއިރާގެ މައިގަނޑު އަމާޒަކީ އަދި ސިޔާސަތުތައް ބިނާވެގެން ވަނީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖުތަމައުއެއް އަދި ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުމުގެ މައްޗަށް ކަމަށެވެ.

