މި ޔަޤީންކަން ރައީސް ކަންދެއްވީ، ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ސޮއިކުރެއްވި 11 މަޝްރޫޢުއާއި، މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ފުވަމުއްލަކު ސިޓީގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ ފަސް މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުނުކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ، ކާމިޔާބުކަމާއެކު މި މަޝްރޫޢުތައް ފުރިހަމަކޮށް، ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ތަކުރާރު ކުރައްވައިފައެވެ.
މިކަންކަމަށް އަލިއަޅުވާލައްވަމުން، ފުވައްމުލަކު ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ކުނީގެ މައްސަލައެވެ.
ފުވައްމުލަކު ސިޓީއާއެކު، ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުގައި ގިނަ ދުވަސްތަކެއްވަންދެން ޖަމާވަމުންދިޔަ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަޙައްދުން ރަށެއް، ވެމްކޯއަށް ހަމަޖައްސަވައިދެއްވާފައި ވާއިރު، މިއަދު މި ފެށީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޝްރޫޢެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުއަކީ ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަމަށްވެސް ރިއާޔަތްކުރެވި، ބަޖެޓް ހަމަޖެހިފައި އޮތް މަޝްރޫއުއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ޢަމަލީ ގޮތުން މަސައްކަތް ފެއްޓެވި މަޝްރޫޢުގެ އިތުރުން، ފުވައްމުލަކު ސްކޫލަށް 16 ކުލާސްރޫމާއެކު ލެބްތައް ހިމެނޭހެން އިތުރު ތަރައްގީ ގެނެސްދެއްވުމުގެ މަޝްރޫޢެއްގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާނެކަމާއި، ޓިވެޓްގެ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.
ފުވައްމުލަކު ސިޓީގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ރައީސްގެ ވާހަކަފުޅުގައި ދެން އަލިއަޅުވާލެއްވީ، ޓަރޝަރީ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގެ ދާއިރާއަށެވެ.
ފުވައްމުލަކު ސިޓީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ސައުދީ ފަންޑުން ހަމަޖެހިފައިވާކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ، އެންމެ ލަސްވެގެން އަންނަ އަހަރުގެ މެއި-ޖޫން މަހާ ހިސާބުގައި އަމަލީ މަސައްކަތް ފެށުމާ ހިސާބަށް ދެވޭނެ ކަމުގައި ވިދާޅުވެފައެވެ.
އޭގެ ކުރިންވެސް ބައެއް ހިދުމަތްތައް ފައްޓަވާނެކަމަށާ، މިގޮތުން، ފުވައްމުލަކު ސިޓީގައި މިއަދު ރަސްމީކޮށް ސީޓީ ސްކޭނިންގް ޚިދުމަތް ދޭން ފެށިފަހުން، ރަސްމިއްޔާތުގެ އެ ވަގުތާ ހިސާބަށް އެކަނިވެސް 90 ވަރަކަށް ޕޭޝަންޓުންނަށް ހިދުމަތް ފޯރުކޮށްދެވިފައިވާކަން، ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށް ވާ އިރު، ކުރިން ބަޔަކާ ހަވާލުކުރެވި، ފުވައްމުލަކު ސިޓީގައި ކުރިއަށް ނުގޮސް އޮތް 400 ހައުސިން ޔުނިޓުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާ، މަސައްކަތް ފަށައިގަނެވިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީގައި 500 ހައުސިންގް ޔުނިޓް ތަރައްގީ ކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ތެރެއިން، 75 ޔުނިޓް ތަރައްގީވކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކުރައްވާފައެވެ.
ވައުދުފުޅުގެ ތެރެއިން ބާކީ ހުރި ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފައްޓަވާ، ކުރިން ހަވާލުކުރެވިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތާއެކު މި ދައުރުގެ ތެރޭގައި ޖުމުލަ 900 ހައުސިންގް ޔުނިޓުގެ މަސައްކަތް ނިންމަވައި ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
