ބުރިޖަކީވެސް ވެވަޑައިގެންނެވި ވައުދެއް ކަމަށާއި، މިހާރު އެވަނީ އިންޓަރނޭޝަނަލް ބިޑިންގއަށް ހުޅުވާލައިގެން ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ޕާޓީއަކާއި ހަވާލު ކުރެވިފައިކަމަށާއި، އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅެއް އެހެން ތަނަކަށް ބަދަލުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ހަމަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މަޢުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށައަޅަން ޙަވާލުކުރެވިފައިވަނީ އެއް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މި މަސައްކަތް ޙަވާލުކުރެވުނު ޗައިނާގެ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް މިފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަން ފާހަގަކުރެއްވިއެވެ.
އަދި އެ ކުންފުންޏާއި ހަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
މިދިޔަ މަހު މި މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗް-އެޕްރީލާއި ހިސާބަށްދާއިރު ސަރުކާރަށް މި ލިޔުންތައް ހުށައަޅާނެ ކަމަށާއި، އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް އިހުތިޔާރުކޮށް އެގްރީމަންޓް ހަދައި، އިރާދަކުރެއްވިއްވާ މި އަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަމާޒުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިއަދު ޢަމަލީގޮތުން ފަށާފައިވާ ޒަމާނީ ތަރައްގީގެ ބައެއް މުހިންމު މަޝްރޫޢުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން މަގުހެދުމާއި ކުނި މެނޭޖުކުރުމުގެ ބޮޑު މައްސަލައަށް ޙައްލެއް ގެނައުމާއި ކުޅިވަރުގެ ދާއިރާއިން ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ބޭންކިންގ ޚިދުމަތް ދެރަށުގައިވެސް އެއްވަރަކަށް ގާއިމުކުރުމަށް، ގޮފިތައް ގާއިމުކުރުމާއި އެމްއައިބީގެ އޭޓީއެމް ހުޅުވީވެސް ހަމަހަމަކަމާއެކީގައި ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތާއި ތަރައްގީ ގެނެސްދިނުމުގައި، އެ ބޭނުންފުޅުގައި، އެ އަޒުމުގައި، އެ ނިޔަތުގައި ކަމުގައި ރައީސް ވިދާޅުވިއެވެ.
މިއީ ފެށުމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި މިފަދަ އެތައްކަމެއް މި ދެރަށުގެ ތަރައްގީއަށް ކޮށްދިނުމަކީ އެ މަނިކުފާނުގެ އުފާފުޅަކަށް ވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ހުޅުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އަދި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އައްޑޫ ހުޅުދޫ އައްޑޫ މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތާއި ސ. އަތޮޅު މަދަރުސާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ.

