”ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު“ ގދ.ތިނަދޫ ސިޓީގައި މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫ ސިޓީގައި ބާއްވާ މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
އާންމުކޮށް ހުޅުވާލައިގެން ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މައުރަޒު ހާއްސަ ކޮށްފައިވަނީ 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަސްރާއި ކާމިޔާބީއަށެވެ.
މި މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް، ދިވެހިރާއްޖެއަށް އެ ދުވަހުގެ ޢުދުވާނު ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަސްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ.
އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ގުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަސައްވުރުކޮށްލެވޭނެއެވެ.
މި މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 7 އިން ނޮވެންބަރު 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނޮވެންބަރު 7 ވަނަ ދުވަހު މި މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.
ނޮވެންބަރު 8 ވަނަ ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން 12:00 އަށް، މެންދުރުފަހު 14:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މި މައުރަޒު ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ޙިލްމީއާއި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީއާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަޙްމަދު އަޝްރަފާއި، ނޮވެންބަރު ތިނެއްގެ ހާދިސާގައި ސިފައިންގެއިން ބޭރަށް ނިކުތުމަށް ދިޔަ 11 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަބްދުﷲ ނަސީމް (ތިނަދޫ ނަސީމް)އާއި، ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްބޭފުޅުންނާއި، ތިނަދޫ ސިޓީގެ ބައެއް މުއައްސަސާތަކާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ބައިވެރިވިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، ނޮވެންބަރު 8 ވަނަ ދުވަހުގެ ހަަވީރު 16:00 ގައި، ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި އާއިލީ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަހުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.

