ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، 05 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ހިންގޭނޭ ޝަރުތުތައް މުރާޖައާކޮށް އިސްލާހު ކުރުމެވެ.
މި އިސްލާހާއެކު ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތެއްގެ ގޮތުގައި އެ މަރުކަޒަކީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ، ނުވަތަ ބޭރު ގައުމެއްގެ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށްވުން ހިމަނާފައިވެއެވެ.
އަދި ދިވެހިރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
- ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން 3 (ތިނެއް) ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުން.
- އެ ކޮލެޖެއްގައި ހިންގާ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 (އެއްހާސް) ދަރިވަރުން ކިޔަވަމުން ގެންދިޔުން.
- ބައިނަލްއަގްވާމީ ޔުނިވަރސިޓީ ރޭޓިންގއެއް ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެ ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން.
- ބައިނަލްއަގްވާމީ ޔުވަނިވަރސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަގްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ހޭދަކޮށްފައިވުން.
- ބައިނަލްއަގްވާމީ ފެންވަރުގެ ރިސާރޗް މަސައްކަތްތައް، ބޭރުގެ ޔުނިވަރސިޓީތަކާއި، ޖަމާއަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
- އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން.
- އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވުން.
މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު މި ބިލު ގާނޫނަކަށްވެ މިހާރު ވަނީަ‘ަމަލުކުރަން ފަށައިފައެވެ.

