ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމާއެކު، ބޭރުގެ އިންވެސްޓަރުން، ރާއްޖޭގެ އުތުރުގައި އިންވެސްޓު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދައުވަތު އަރުވައިފިއެވެ.
އެމަނިކުފާނު މި ދައުވަތު އަރުވައިފައިވަނީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫގެ އެއާޕޯޓު ހުޅުވުމަކީ ދިވެހި ވިޔަފާރިވެރިންނަށް ވެސް، ވިޔަފާރި ފުޅާކުރުމަށް އެ ސަރަހައްދުގައި އިންވެސްޓުކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް އެއީ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ އިންވެސްޓަރުންނަށް އުތުރުގައި ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ދައުވަތު އަރުވައިފައެވެ.
ރައީސް ވިދާޅުވީ އުތުރުގެ ސަރަހައްދު އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، އެ ސަރަހައްދުގެ އެންމެ މުހިންމު އެއް ވަސީލަތަކީ ހަނިމާދޫ އެއާޕޯޓު ކަމަށާއި މިއަދު ހާސިލުވެގެންދަނީ އުތުރުގެ ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގެ އެންމެ މުހިންމު އެއް ކާމިޔާބީ ކަމަށެވެ.
2465 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީ ކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ރޭ، އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސް ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ.
މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީހުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ.
މި ފްލައިޓްގެ ކެޕްޓަންކަން ކުރެއްވީ، ހދ. ހަނިމާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕައިލެޓެކެވެ.

