ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި
11 ނޮވެމްބަރ 2025

މި ބިލަކީ، 2025 ނޮވެންބަރު 5 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

އެގޮތުން ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީ ކުރުމުގެ ހާއްސަ ޝަރުތުތަކުގެ ތެރޭގައި، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭކަމަށް ބިލަށް ގެނެވުނު އިސްލާހުގައި ހިމެނެއެވެ.

އަދި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ހިމެނެއެވެ.

މީގެއިތުރުން، މިފަދަ ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝެންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) އަކީ އިޔާދަކުރަނިވި ހަކަތައަށް ވާން ވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެފަދަ ޒޯނެއްގައި ޑިވެލޮޕަރަށް ނުވަތަ އެފަދަ ޒޯނެއްގެ އިންވެސްޓަރުންނަށް ލިބިދެވޭ އިނާޔަތްތައް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލު، ރައީސް ތަސްދީގު ކުރެއްވުމާއެކު މި ބިލު ގާނޫނަކަށްވެ މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.