ކުރިއަށް އޮތް އަހަރު ވެގެންދާނީ ރައްޔިތުންގެ ވެރިކަން އިތުރަށް ހަރުދަނާކުރެވި، ކޮރަޕްޝަންގެ ވަބާއިން ވީހާވެސް ބޮޑަކަށް ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން އެންމެހާ ރައްޔިތުންނަށް ހިދުމަތް ދެވޭ އަހަރަކަށްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި، ގައުމާ މުހާތަބުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
2026 ވަނަ އަހަރަށް ދައުލަތުން ހުށަހެޅުއްވި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ އެއް ކަމަކީ މޯލްޑިވްސް 2.0 ނުވަތަ ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ފޯރުކޮށްދެއްވުންކަމަށާ، މިއީ އެންމެ ހަރުދަނާ ގޮތުގައި ރައްޔިތުންނަށް ހިދުމަތްތައް ލިބުމަށް އޮތް ހުރަސްކަމުގައިވި ކޮރަޕްޝަންގެ ވަބާ ވީހާވެސް ބޮޑަކަށް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް 2.0ގެ މަސައްކަތްތައް ފުޅާދާއިރާއެއްގައި 2026 ވަނަ އަހަރު ކުރިއަށް ގެންދަވަން ތަރުތީބުކުރައްވާފައިވާއިރު، މިއީ 3 އަހަރު ދުވަހުގެ މަޝްރޫއުއެއް ކަމަށާ، 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދެވޭއިރު މި އަމާޒަށް ވާސިލުވެވޭނެކަމުގެ އުންމީދު، ރައީސް ވަނީ އައުކޮށްދެއްވާފައެވެ.
ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަމަކީ، ދެފުށް ފެންނަ، އިންސާފުވެރި، އަދި އަދުލުވެރި ގޮތެއްގައި ހިދުމަތް ދެވުމުގެ ސިފަ އަށަގަނެފައި އޮތުންކަމަށާ، މިކަމަށް އޮތް އެންމެ ބޮޑު ހުރަސްކަމުގައިވި ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދިއުމަށް ނިންމެވި ނިންމެވުމަށް ހަގީގީ ކާމިޔާބު އޮތީ، ހުރިހާ ރައްޔިތުން މިކަން ބަލައިގަނެގެން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން، ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ފޯރުކޮށްދެވެމުންދާ ދިއުމުގައި މުޖުތަމައުގެ އިސްރަށްވެހީންނަށް، ޒުވާނުންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަކީން ހާއްސަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، ހިންގުމުގެ ނިޒާމު ދެފުށްފެންނަ ގޮތް ހަދައި، ޖަވާބުދާރީ ކުރެވޭ މިންވަރު އިތުރުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މޯލްޑިވްސް 2.0 ގެ މަޝްރޫއުއަކީ މިމޭރުމުން ކުރެވޭ އެންމެ ބޮޑު މަސައްކަތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެން ގުޅިގެން، އެއް އަމާޒަކަށް މަސައްކަތްކުރަމުންދަނީނަމަ، ނަތީޖާ ރަނގަޅުވާނެ ކަމަށާ، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ޒިންމާ އަދާކުރެއްވުމުގައި އަމާނާތްތެރިކަމާއި، އިހްލާސްތެރިކަމާއި، ތެދުވެރިކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަމުގެ ޔަގީންކަން، ރައީސްގެ ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ.
އަދި މިހާ ހިސާބަށް ވަޑައިގަތުމުގައި ދިވެހި ދައުލަތުގެ ހިދުމަތުގައި ތިއްބެވި ފަރާތްތަކާއި ރައްޔިތުންގެ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން އެމަނިކުފާނު ވަނީ، ދައުލަތަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވުމުގެ ރޮނގުން އެވޯޑް ހާސިލުކުރެއްވި ފަރާތްތަކާއި، ގައުމަށް ރީތި ނަން ހޯއްދަވައިދެއްވި އެންމެހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

