ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެ އެއާޕޯޓް ހިންގަމުން އަަންނަ އައިލޭންޑް އެވިއޭޝަން ސާވިސަސް (އައިއޭސް) އިން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ހުނާން ނަމްބާ 6 އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި އައިއޭސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.

ހުނާން ނަމްބާ 6 ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.

މިއީ ޖުމްލަ 3.6 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.

މާފަރު އެއާޕޯޓު ޓާމިނަލް ބޮޑު ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި ޓާމިނަލާ އިންވެގެން އަޅަން ނިންމާފައިވާ ދެ ބުރީގެ އިމާރާތާ އެކު ޓާމިނަލް 12،476 އަކަފޫޓަށް ބޮޑުވެގެން ދާނެއެވެ.

މި މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާ ގޮތަށެވެ.