ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ ކަމަށާއި، ސިއްހީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ގައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އާކުރަން ވާނެ ކަމަށެވެ.
”ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސިއްހީ އާދަތަކަށް ޅައިރުއްސުރެ އަޅުގަނޑުމެން އަހުލުވެރިވުން މުހިންމު. ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ސިއްހަތަށް ސަމާލުވާން ޖެހޭ. ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އެކަންކަމަށް މުޖުތަމައު ހޭލުންތެރިކުރުމަށް އަމިއްލަ ޖަމާއަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރާ މަަސައްކަތްތަކަށް ޝުކުރު ދަންނަވައިފައެވެ.

