ފަސޭހަ ގޮތް އިހުތިޔާރުކުރެއްވުމުގެ ބަދަލުގައި މި ސަރުކާރުން އިހުތިޔާރުކުރައްވަނީ ރަނގަޅު ގޮތްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އަދި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ރައީސް މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ދިވެހީންގެރާއްޖެ“ މި ނަމުގައި މިރޭ، މާލޭ އާޓިފިޝަލް ބީޗުގައި ޕީއެންސީ އިން ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ކަމުގައިވާ، މަސްތުވާތަކެތީގެ މައްސަލަ އާއި، ގޭންގު ކުށުގެ މައްސަލަ އާއި، ބިދޭސީންގެ މައްސަލައަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްޕުޅުކުރައްވަނީ، ފަސޭހަ ގޮތްތައް އިހުތިޔާރުކުރެއްވުމުގެ ބަދަލުގައި، ރަނގަޅު ގޮތް އިހުތިޔާރުކުރައްވައިގެން ކަމަށެވެ.
އެގޮތުން، އެ ދާއިރާއިން ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކުގެ ކާމިޔާބީ އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
ކުރަނގި އޮޕަރޭޝަނާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި އަދަބު ކަނޑައެޅުއްވުމާއި، އިއްޔެ ފެށި ހާއްސަ އޮޕަރޭޝަނާއި، ޝަރުއީ ދާއިރާއަށް ފުރިހަމަ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން އަދުލު އިންސާފު ކަށަވަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރޭގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ ގިޔަމުތަކާއި ސިޔާސަތުތައް ބައްޓަން ކުރެވިފައިވާ ގޮތާއި، ތަރައްގީގެ މަސައްކަތްތައް ތަރުތީބުކުރައްވާ ގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން، މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާކުރައްވާފައިވާ މައިގަނޑު ތިން ދާއިރާ ކަމުގައިވާ، ހަމަޖެހުން، ތަރައްގީ އަދި ރައްކާތެރިކަމުގެ މައްޗަށް އެމަނިކުފާނު ތަފްސީލުކޮށް ވާހަކަފުޅުދެއްކެވިއެވެ.
އަދި މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ތަނބަކީ އިސްލާމް ދީންކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
މީގެ އިތުރުން، މޯލްޑިވްސް ފަރސްޓް ހާރިޖީ ސިޔާސަތާއި، ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރައްވައި، ހަމަޖެހުން ގާއިމުކުރެއްވުމުގެ ސިޔާސަތުގެ މައްޗަށްވެސް މިރޭގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.
އެގޮތުން، އިޒްރޭލް ފިޔަވައި އެހެން ހުރިހާ ގައުމަކަށް ދިވެހިރާއްޖެއިން މަރުޙަބާކިޔާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު، އިސްރޭލުގެ ޕާސްޕޯޓަށް ރާއްޖެއިން މަރުހަބާ ނުކިޔާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ގައުމީ ދިފާއީވނިޒާމު ހަރުދަނާކުރައްވަނީ، ރައްކާތެރިކަން އިތުރުކުރެއްވުމަށް ކަމަށް ވިދާޅުވެ، ދާހިލީ ހަމަޖެހުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، އަމިއްލަ މަސްލަޙަތައް ވުރެ ގައުމު އިސްކުރެއްވުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި، ހަގީގީ މާނައިގައި ގައުމަށް ހަމަޖެހުން އަންނާނީ، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނުބައި، ވިހަ އޮއިވަރު ނައްތާލުމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރު ތެރޭގައި ސިޔާސީ ހައްޔަރީން ފެނިފައިނުވާނޭކަމާއި، ދީނީ ހުދޫދުތަކުގެ ތެރެއިން ހިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަން ރާއްޖޭގައި ފުޅާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ކޮރަޕްޝަން ނައްތާލުމަށްޓަކައި، ހިންގުމުގެ ނިޒާމުގެ ނަޒާހާތްތެރިކަން އިތުރުކުރުމަށް ފައްޓަވާފައިވާ މޯލްޑިވްސް 2.0 މަޝްރޫއުއަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

