އެކަމަށްޓަކައި، ހުޅުމާލޭގެ ރީތިގަސް މަގުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބައެއް ސްޓާފުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބްއެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.
އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާއާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ.
އަދި އޭގެ އިތުރުން ޖުމްލަ 54 ކާރު ޕާކިންގ ސްލޮޓާއި 782 ސައިކަލް ޕާކިންގ ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ކަނޑައަޅާފައެވެ.

