ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ”ބޯހިވާހިކަން އެންމެންނަށް“ ސިޔާސަތު އިފުތިތާހުކޮށްފިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ  ސިޔާސަތު އިފުތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ އެ ސިޔާސަތުގެ ދަށުން އުމުރުން 18 އަހަރުން މަތީގެ ގެދޮރު ބޭނުންވާ އެންމެނަށް ގެދޮރު ފޯރުކޮށްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ސިޔާސަތު ކަނޑައެޅުމުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން އެންމެ އެކަށޭނަ ގޮތަކީ ކޮބައިތޯ ބަލައިފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ތެރެއިން ފާހަގަކުރެވުނު ގެޕަކީ ބޯހިޔާވަހިކަމުގައި ސަރުކާރުން އިއުލާނުކުރާ ސޯޝަލް ހައުސިންއަށް ކުރިމަތިލާ އާބާދީ އިންތިހާއަށް ބޮޑުވުން ކަމަށެވެ.

ސަރުކާރުން އިއުލާނުކުރައްވާފައިވާ ގޮތުގައި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމުގެ ސްކީމްތަކުގައި 2 ކެޓަގަރީ ހިމެނެއެވެ.

އެއީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.

ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރަސްމާލެއިން 15,000 ގޯތި ދޫކުރާނެކަން އިއުލާނު ކުރައްވާފައެވެ.

އަދި މާލެ ސަރަހައްދުގައި 7,000 ފްލެޓްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ގޯއްޗާއި ފްލެޓް ދިނުމުގެ އަސާސީ ޝަރުތުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލުވެސް ވަނީ އާއްމުކުރައްވާފައެވެ.

އެގޮތުން އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ކުރީން ފްލެޓެއް ލިބިފައިވާނަމަ، މި ސަރުކާރުން ކުރިއަށް ގެންދާ އާ ސްކީމްތަކަށް ކުރިމަތިވެސް ނުލެވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އަދި 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނޫނީ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައިވާ މީހަކަށްވެސް ކުރިމަތިނުލެވޭނެއެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް މާކެޓުން ފްލެޓެއް ގަނެ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުންދާ މީހަކަށްވެސް ކުރިމައްޗެއް ނުލެވޭނެއެވެ.

އައު އުސޫލު ބުނާ ގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ފްލެޓަށް ކުރިމަތި ލެވޭނެއެވެ.