ދިވެހީންގެ ކަންކަން ނިންމުމުގެ ބާރަކީ، އަބަދުވެސް ދިވެހީންގެ އަތުގައި އޮންނަ ބާރަކަށް ހެދޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ހއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ހއ.ވަށަފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، ރިޔާސީ އިންތިހާބު އޮންނާތީ، 2023 ވަނަ އަހަރަކީ ދިވެހީންނަށް ވަރަށް މުހިންމު، އަދި ގައުމުގެ މުސްތަގްބަލު ކަނޑައަޅާނެ އަހަރެއްކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އަކީ ދިވެހީންގެ ތަނެއްގެ ގޮތުގައި ދެމިއޮވޭތޯ ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ިހާރުގެ ސަރުކާރު ދެމިއޮތުމަކީ، ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ދިވެހީންގެ ފަސްގަނޑުގައި ދެމިއޮތުމަށްޓަކައި، އިންޑިއާއިންވެސް އެދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ދުނިޔޭގެ އެެއްވެސް ގައުމެއްގައި، ބޭރުގެ އަސްކަރިއްޔާއިން އައިސް ވަޒަންވެރި ވެގެން ނުތިބޭނެ. އެއީ އެއްވެސް ގައުމެއްގަ ސިޔާދަތީ ބާރު ހިނގާއިރު، ގައުމުގެ ރައްޔިތުން ރުހިގެންވާ ކަމެއް ނޫން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖެއަށް އިހްތިރާމް ކުރުމުގެ ގޮތުން ގުޅުން ބާއްވަނީ، ބޭރުގެ ކޮން ބައެއް ކަަމާއި، މަންފާ ހޯދުމުގެ ނިޔަތުގައި ގުޅުން ބާއްވަނީ ކޮންބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ ސިޔާދަތީ ބާރަށް އުނިކަން އަންނަ ގޮތަށް، ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖެއާމެދު ބާއްވާ ގުޅުމަކުން ލިބޭނެ އެއްވެސް މަންފާއެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.