ބީލަން އުސޫލުން ވިނަރެސް ފްލެޓުތަކުން 94 ކާރު ޕާކިން ޖާގަ ވިއްކަން އިއުލާނުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބީލަން ފެށޭނީ 450،000 ރުފިޔާ އިން ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން ޖުމްލަ އަގު ދެއްކުމަށް 14 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
ވިނަރެސް ފްލެޓުތަކުން 94 ކާރު ޕާކިން ޖާގަ ގަންނަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ބީލަމުގެ ރަޖިސްޓްރީ ވުމަށް އެޗްޑީސީން އެދެއެވެ.
ބީލަން އުސޫލުގައި ބުނެފައިވާ ގޮތުގައި ކޮންމެ ފަރާތަކަށްވެސް ކާރު ޕާކިން ޖާގަ ގަތުމަށް އެދި ހުށަހެޅޭނީ އެއް ފޯމެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި ކާރު ޕާކިން ޖާގައަކީ ވިނަރެސް ފުލެޓު ގަތުމުގެ އެއްބަސްވުމުގެ ދަށުން ވިއްކޭ ޖާގައެއްގެ ގޮތުގައި ހަމަޖެއްސޭނެ ކަމަށެވެ. އެހެންކަމުން ފުލެޓު ވިއްކާލާ ނަމަ، ނުވަތަ އެހެން މީހެއްގެ ނަންމައްޗަށް ބަދަލުކުރާނަމަ, އެ ފަރާތަކުން ގަނެފައިވާ ޕާކިން ޖާގަ ފުލެޓާއެކު ދޫކޮށްލަން ޖެހޭނެއެވެ.
މީގެ އިތުރުން، ކާރު ޕާކިން ޖާގަ ގަތުމަށް ފުރުސަތު ދެވޭނީ އެ ފަރާތަކުން ފުލެޓް ގަނެފައިވާ ޓަވަރުގައި ހިމެނޭ ކާރު ޕާކިން ޖާގައަކުން ކަމަށްވެސް އިއުލާނުގައިވެއެވެ.
އެ ފަރާތެއް ވާން ޖެހޭނީ ވިނަރެސް މަޝްރޫއުން ފުލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓަށް ކަމަށާއި އެ ފަރާތަކީ މިދިޔަ މަހުގެ ނިޔަލަށް އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

