ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްގެންދަވާނެ ތިން އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕަބްލިކް ސަރވިސް މީޑިޔާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ވޭތުވެދިޔަ ދެއަހަރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތާއި ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު އޮތް ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ކަމަށްވުމުން، ސަރުކާރުން ހިންގަން ބޭނުންވި ތަރައްޤީގެ ގިނަ މަޝްރޫއުތަކަށް މާލީ ދަތިކުރުންތައް ކުރިމަތިކުރުވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، ގާނޫނީ ގޮތުން އިންތިހާބުވެފައިވާ ސަރުކާރެއް މަޖިލިހުގެ ތެރެއިން ވައްޓާލުމަށްވެސް މަސައްކަތްކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި، ދައުލަތް ހިންގުމަށް އޮތް ހިރާސްތައް ގިރާކުރެއްވުމުގައި ރައީސް އިސްކުރެއްވި ދުރުވިސްނުންފުޅު ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގައުމީ ތަރަައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނެ ތިން އަހަރު ކަމަށެވެ.
ދަތި އުނދަގޫ، ނަމަވެސް އެކަމެއް ކުރުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރެއްވުމުގައި ރައީސް ފަސްޖެހިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ މިފަދަ ކަންކަމަކީ ދުރާލާ ރޭވިގެން، މުވައްސަސާތަކަށް ދޭންޖެހޭ ގާނޫނީ ބާރުވެރިކަން ދީގެން، ކުރިއަށް ގެންދެވޭ ކަންކަން ކަމަށެވެ.
މީގެ ސަބަބުން، ހެޔޮ ވެރިކަމުގެ ނިޝާންތައް ފެންނަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރާއި ދައުލަތް ހިންގުމުގަައި ރައީސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެމަނިކުފާނު އަތޮޅުތަކުގެ ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ހުއްޓަވާނުލައްވައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އަދި، ރައީސްގެ އަމާޒާއި ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވަނީ އެކި ދާއިރާތަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށް، އެއަރޕޯޓް ހުޅުވުމާއި، އެތެރޭގެ އުދުހުންތައް ފުޅާކުރުމާއި، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރަށް ރައްޔިތުން މިހާތަނަށް ދެއްވާފައިވާ ތާއީދާ، ކުރައްވާ އިތުބާރު، ރައީސް ދަމަހައްޓަވަމުން ގެންދަވާނޭކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވިއެވެ.
އަދި، ގައުމުގައި ހުރި މުހިންމު ކަންކަމަށް ހައްލު ހޯއްދަވައިދެއްވައި، އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވައި، އާމްދަނީ އިތުރުކޮށް، އިގުތިސާދީ އަދި އިޖްތިމާޢީ ހަމަޖެހުން ކަށަވަރުކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

