ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި، އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރުމަށްޓަކައި، މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓްއިންނެވެ.

މި ނާދީ ގާއިމުކުރުމުގެ މަސައްކަތަކީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް އެޗްޑީސީން ބުނެއެވެ.

މި އެއްބަސްޓުމުގައި ސޮއިކުރުމަށްޓަކައި މިއަދު އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ.

އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާއިލް އަލީއެވެ.

އެޗްޑީސީން ބުނީ މި ނާދީ ތަރައްގީކުރަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކުގައެވެ.

މި މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެޗްޑީސީން ވަނީ އަމާޒު ހިފައިފައެވެ.

މި ނާދީގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އެފަރާތްތަކަށް ބޭނުންވާ އިޖްތިމާއީ ހިދުމަތްތައް ފުޅާކުރުންކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި އަލަށް އަޅާ ނާދީގައި ހިމެނޭނެ މުހިންމު ހިދުމަތްތަކުގެ ތެރޭގައި އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، އެ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާ ލިބޭނެ އިންތިޒާމް ހިމެނެއެވެ.

މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި ހިތްހަމަޖައްސާލައި އަރާމުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން، ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަވެސް އެތަނުގައި ހިމެނޭނެއެވެ.

އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްގީކުރި ނާދީން މިއަހަރުގެ ކުރީކޮޅު ވަނީ ހިދުމަތްދޭން ފަށައިފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.