ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގުފު އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުއާރުސީއާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމްއެވެ.
12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެކެވެ.
އިމާރާތުގެ ބޭސްމަންޓުގައި ހާއްސަ ޕާކިން ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ގާއިމްކުރެވިފައެވެ.
އަދި ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމް ގާއިމު ކުރެވޭނެއެވެ.
އިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު (މަލްޓި-ޕަރޕަސް ހޯލް) ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެކެވެ.
އަދި މި އިމާރާތުގައި ޑޭ ކެއާރ ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ގާއިމު ކުރާނެއެވެ.
24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާއެވެ.
މި މަޝްރޫއު ނިންމުމަށްފަހު 5 އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއުއެއްކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
އެގޮތުން މި އިމާރާތުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު، އާމްދަނީގެ 20 އިންސަައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަގުފު ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަގުފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.
ދާރުއްސަލާމްގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލްއަރްޤަމް ވަގުފު އިމާރާތުގެ މަސައްކަތްވެސް ވަނީ އާރުސީސީއާއި ހަވާލުކޮށްފައެވެ.

