ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވީ އިގުތިސާދީ ގޮތުން ވަރަށް އުނދަގޫ ވަގުތެއްގައި ކަމަށާއި، އެހެންނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި މިސަރުކާރު ދެމިއޮންނާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ސަންގު ޓިވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

މިސަރުކާރު ފެށިގެން އައިއިރު ރާއްޖެ އޮތީ ދަރަނިވެރި ވެފައި ކަމަށާއި، ރާއްޖެއަށް ފުދޭވަރަށް ބޭރުފައިސާވެސް އޭރު ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، ދަތިތަކާ އެކުގައިވެސް ރާއްޖޭގެ ދަރަނި ދެއްކޭނެގޮތް ހަމަޖެއްސުމާ، އިގުތިސާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިގުތިސާދީ ގޮތުން ދައުލަތް ބާރުވެރި ކުރުވުމަށްޓަކައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ނިންމައި، ހުޅުއްވައިދެއްވުމަކީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގައި، ކުރީގައި ނުހެދި މަސައްކަތް ހުއްޓިފައި ހުރި ރަށްތަކަށް ލުއިތަކެއް ދެއްވުމުގެ ސަބަބުން، އޭގެތެރެއިން ބައެއް ރަށްރަށް މިހާރު ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ ކަމަށާއި ބައެއް ރަށްރަށް ކައިރި މުސްތަގުބަލެއްގައި ހުޅުވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ސަބަބުން ރައްޔިތުންނަށް ޑޮލަރު ލިބުމުގައި މިހާރު ހުރި ލިމިޓު ހަމަމަގަށް ގެނެވި، އަދި އިގުތިސާދު ހަމަމަގަށް އެޅެމުންދާ ވަރަކަށް އެ ލިމިޓު ބޮޑުވެގެން ދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މަސްވެރިކަން އިތުރަށް ތަރައްގީ ކުރެއްވުމަށްޓަކައި މަސްވެރިންނަށް ނުލިބިހުރި ފައިސާ ދެއްވުމާއެކު، މިހާރު ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާފައި ވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އިގުތިސާދު ހަމަމަގަށް އެޅެމުންދާ މިންވަރަކުން މަސް ގަންނަ އަގު ބޮޑުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށްޓަކައި ވޭޕް މަނާކުރުމާ، ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރައްވަން ފެއްޓެވުމަކީ، މިސަރުކާރުން އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.