މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން ގޯތި ދިން ގޮތަށް ކަނޑުން ގޯތި ނުދެއްވާނެ ކަމަށާއި، މި ސަރުކާރުން ގޯތި ދޭނީ ހިކިފަސްތަނަކުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ޔަގީންކަން ދެއްވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއުއާއެކު، މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ”ދާއިމަށް“ ނިމިގެންދާނެ ކަމަށެވެ.

”15،000 ގޯތި މި ދޫކުރަނީ ރަސްމާލެއިން، އެކަމަކު މިއީ އެއްކޮށް އެންމެންނަށް ލިބޭނެ ވަރެއް ނޫން. ރަސްމާލެއިން 15،000 ގޯތި ފުރަތަމަ ބުރުގައި މި ދެނީ، މުޅި ރަސްމާލެއިން 25،000 ގޯތި ދެވޭނެ.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރަސްމާލޭގެ ޕްލޭންގައި 25،000 ގޯތި ހިމެނޭއިރު، އެ ތަން ހިއްކުމުގެ މަސައްކަތް ހަ މަސް ދުވަސް ތެރޭގައި ނިންމައި، ގޯތިތައް ހަވާލު ކުރާނެ ކަމަށެވެ.

މި ސަރުކާރުން ރޭ އިއުލާނު ކުރި ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ރަސްމާލެ އިން އެންމެ ފުރަތަމަ ދޫކުރަން ނިންމި 15،000 އަށް ގޯއްޗަށް ކުރިމަތިލާން ހުޅުވައިލާނީ، އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

މިހާރު ހިއްކުމުގެ މަރުހަލާގައި އޮތް ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ހިންގަން ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއުއެވެ.

ރަސްމާލެ އިން ހުޅުވައިލި 15،000 ގޯއްޗަކީ 1،250 އަކަފޫޓްގެ ގޯތިތަކެވެ.

މި ގޯތިތަކުގެ ތެރެއިން 10،000 ގޯތި މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްފައިވެއެވެ.

އެގޮތުން އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7000 ގޯތި، މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1000 ގޯތި އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް 2000 ގޯތި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި ހާއްސަކޮށްފައިވާ އިރު، ހާއްސަ ކެޓަގަރީގެ ދެ ބައިގެ ތެރެއިން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި އަދި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށް 1،500 ގޯތި ހާއްސަކޮށްފައިވެއެވެ.

ރަސްމާލެ އިން ދޫކުރަން ނިންމި ގޯތިތަކަށް އެދި ހުށަހެޅުމުހެ ފުރުސަތު އަންނަ އަހަރުހެ ޖެނުއަރީ 4 އިން މާޗް 3 އާ ހަމައަށް އޮންނާނެއެވެ.

ހުށަހަޅާނީ ހިޔާ ޕޯޓަލް www.hiyaavehi.gov.mv މެދުވެރިކޮށެވެ.

އެޕްލިކޭޝަން ހުށަހެޅޭނީ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު“ ނުވަތަ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު“ ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންނެވެ.