އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ހާއްސަކުރައްވައިގެން މިއަދު ހަވީރު މާފަންނު، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރގައި ކުރިއަށްގެންދެވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަހައްދުގައި ފޯރުކޮށްދެއްވާ ސިއްހީ ހިދުމަތްތައް، ލުއިފަސޭހަގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާގޮތަށް ފަރުމާކުރެވިފައިވާ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރގެ މަސައްކަތް ނިންމަވާ، ރަސްމީކޮށް ހަވާލުކުރެއްވުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުލްރައްޒާގު ހަލީމް ވަނީ، ރައީސްގެ އިސްނެންގެވުމާއެކު މިފަދަ ސެންޓަރުތަކެއް މާލެ ސަރަޙައްދުގައި ހުޅުވުމުން ރައްޔިތުންނަށް ހުރި ފައިދާތަކާއި، ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސް ޝުކުރުއަދާކުރައްވާފައެވެ.

ރައީސްގެ ސިއްހީ ސިޔާސަތާ އެއްގޮތަށް، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމައުއެއް ބިނާވެގެންދާނެ ހިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެގޮތަށެވެ.

މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ.

އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެއެވެ.

އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދެއްވާނެއެވެ.

ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.

ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާއުވުމަކީ ރައީސް މުއިއްޒުގެ ސިއްހީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު ފަސް ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްގީ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްގީ ކުރައްވާނެއެވެ.

ސިއްހީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސް ހާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ސިއްހީ ދާއިރާއެވެ.

މާފަންނު، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވައި، އެ ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ރަސްމިއްޔާތުގައި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ ހިދުމަތްތެރިން ބައިވެރިވެވަޑައިގަތެވެ.