ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާލިބޭނޭ ފުރުސަތު ފަހިވެގެންދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ”ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން“ މި ޝިއާރުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ޔަގީންކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ، ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުން ފަހިވެގެންދާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމަތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވެގެންދާކަމަށެވެ.

އަދި، މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއްކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ތާރީހީ ގޮތުންވެސް ގައުމުތަކާއި އިންސާނިއްޔަތުގެ ތަރައްގީއާއި ކުރިމަގަށް އަގުނުކުރެވޭ ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކެއްކަން ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވަނީ އެ ފަދަ ފަރާތްތަކާއިމެދު ދެކޭ ނަޒަރިއްޔާތު ބަދަލުކޮށް، ގަދަރާއި، ހިތްވަރާއި، އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުސަތު ފަހިވެގެން ދިޔުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރައީސްގެ އަނބިކަނބަލުން ވަނީ އެމްޕީއެލްގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އެ ކުންފުނީގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރާ އެކްސެސިބިލިޓީ ފީޗަރ، އިފްތިތާހްކުރުން އޮތެވެ.

މި ފީޗަރ އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ އާއިޝަތު ޝިހާމެވެ.

މީގެއިތުރުން އެމްޕީއެލުން ވަނީ ރައީސްގެ އަނބިކަނބަލުން މި ފަދަ ކަންކަމަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

މި ހަދިޔާ، އެކަމަނާއަށް އަރުވާފައިވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑީސީޕީ(ރޓ) މުހައްމަދު ރިޝްވާނެވެ.