މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން އިސްލާމީ ހުދޫދުން ބޭރު ނުވެ އެކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.
ރައީސް މިކަމަށް ގޮވައިލެއްވީ ފިލްމެއްގެ ޕްރިމިއަރ ނައިޓުގައި މޮޑެލް ކުރުމުގައި އުޅޭ ފަރާތަކުން ލާފައިވާ ކޮސްޓިއުމަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ފާޑުކިޔުން ވެސް އަމާޒުވެފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއިން ފެންނަ ފިރިހެން މީހާ ލާފައި ވަނީ އަންހެނުންލައި އުޅޭ ހެދުމަކާ ވަރަށް ވައްތަރު ހެދުމެކެވެ. އަތުގައި އުޅާ އަޅައި، ގިނަ އަނގޮޓި ވެސް އަޅާފައި ހުރުމުން، މިއީ އިސްލާމްދީނުގައި ލައުނަތް ލައްވާފައިވާ އަމަލެއްކަން ފާހަގަކޮށް، ގިނަ ބަޔަކު މީސްމީޑިއާގައި ޝުއޫރުފާޅުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، އަޅުގަނޑުމެން ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ.
އަދި މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށެވެ.
ރާއްޖޭގައި މަދުން ނަމަވެސް އިސްލާމީ މުޖްތަމައުއެއްގައި ފެނިގެން ނުވާނެ މިފަދަ ބޮޑެތި މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

