ފުލުހަކު ކުއްޖަކަށް އަނިޔާވެދާނެ އަމަލެއްކޮށް، ބިރުދެއްކި ކަމަށް ތުހުމަތުވާ މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ރޭ ބުނީ، ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން ތުހުމަތުކުރެވެނީ އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކަށް ކަމަށެވެ.
އެ ފުލުސް މީހާ އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ވެދާނެ އަމަލެއްކޮށް، ބިރު ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށާއި އަދި ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށްވުމާއެކު އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.

