ދޮންބަންޑާރައިންގެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރަސްގެ ޕޯސްޓުގައި ވިދާޅުވީ މާލޭގެ އެތައް ތަނެއްގައި ހުޅުޖަހައި، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ގައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖު ކޮށްދެއްވި ހިތްވަރު ގަދަ ގައުމީ ޖިހާދަށް މިއަދަށް 281 އަހަރުވެއްޖެ ކަމަށެވެ.
އަދި ދޮންބަންޑާރައިންގެ ހިކުމަތާއި، ހުޝިޔާރުކަމާއި، މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި ތާރީހީ ހާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ދިރިހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހުރަވީ ދުވަސް ފާހަގަކުރަމުން އަންނަނީ ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ވަނަ ދުވަހު މަލަބާރީން ނުވަތަ ހޮޅިންގެ ލަޝްކަރެއް ރާއްޖެ އަރައި ތަހުތުގައި އިންނެވި ރަދުން ހައްޔަރުކޮށް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަފަހުން އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަހުގެ މުނާސަބަތުގައެވެ.
މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވީ ދޮންބަންޑާރައިންނެވެ.

