ވިލިމާލޭގައި 300 ހައުސިން ޔުނިޓު އިމާރާތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ހެޔޮ އަގުގައި އާންމުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ބޭންކުތަކުން އަޅަން ކަނޑައަޅައިފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން ބީއެމްއެލުން އަޅާ 3000 ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް އަޅާނީ ވިލިމާލޭގައި ކަމަށެވެ.

ރައީސް ވިދާޅުވީ އެ ހައުސިން ޔުނިޓްތައް ހާއްސަ ކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ.

އެމަނިކުފާނު ވަނީ، މާލެއާ ވަކިން އޮތަސް، ވިލިމާލެ ބާކީނުކޮށް ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ވިލިމާލެއަކީ ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް ބާކީކޮށްލާފައި އޮތް މާލޭގެ އަވަށެއް ކަމަށެވެ.

ވިލިމާލެއަކީ މާލެ ސިޓީގެ އެއްބައި ކަމަށާއި، އެހެންވެ، ތަރައްގީ އަންނަން ޖެހޭނީ އެއްވަރަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.