މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައި ތަރައްގީ ކުރާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ ބާރު ސްޕީޑެއްގައި ނޫން ކަމަށާއި ފަހަރެއްގައި ބުރިޖު ހުޅުވުމަށް ކަނޑައަޅައިފައިވާ ތާރީހަށް ބުރިޖުގެ މަސައްކަތް ނުނިމިދާނެކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުއްތަލިބު ވިދާޅުވީ ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ އަލަށް އެފަދަ މަސައްކަތެއް ކުރާ ކުންފުންޏެއް ކަމަށެވެ.
އެހެންވެ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ސަރުކާރުން ބުރިޖުގެ މަސައްކަތް ކުރިއަށްގެންދާ އަވަސްމިނުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ.
”މޫދު އަޑީގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެއްކޮށް ނިމިފަ އެހުރީ. ސުޕަސްޓްރަކްޗާގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައެއް ނޫން ކުރިއަށް ދަނީ. އެހެންވީމަ ކުރިން އަޅުގަނޑުމެން ކޮންޓްރެކްޓުގައި ފާހަގަކޮށްފައިވާ މުއްދަތަށް ހާސިލުވުމަކީ ފަހަރެއްގަ ނުވެދާނެ ކަމެއް“ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރާއެކު ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ބުރިޖު މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މި އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ތިލަމާލެ ބުރިޖުގެ 60 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ބުރިޖުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

