މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މެދުރާއްޖެތެރެއަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތަށް ބަލާއިރު، ފަތިހު 5:15 އިން ފެށިގެން ހެނދުނު 9:00އާ ހަމައަށް، ބ އަތޮޅުން ފެށިގެން މ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދެވެ ކަނޑުތައް ގަދަވާނެއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުންނާއި އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން ބުނީ، ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވެ، ޚާއްޞަކޮށް ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށާއި، އެހެންވެ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށް އެދޭ ކަމަށެވެ.
އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.

