އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަގުސަދެއް ނޫން ކަމަށާއި މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރެވިފައި ވާނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހިޔާލުފާޅު ކުރި މީހަކަށް ދެއްވި ރައްދަކާ ގުޅިގެންނެވެ.

ފަސް ދަރިންގެ އެ މަންމަ، ބުނެފައިވާ ގޮތުގައި އޭނާގެ އެކައުންޓުގައި ފައިސާ ދައުރުވުމުގެ ސަބަބުން ޒަކާތު ފައިސާއަށް ޝަރުތު ހަމަވެފައެެއް ނުވެއެވެ.

އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީމް އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ އަންހެން މީހާ އެހީއަށް އެދުމުން ޒަކާތު ފަންޑުން އޭނާއަށް 15،500 ރުފިޔާ ދީފައިވާ ކަމަށެވެ.

އަދި އެކަނިވެރިމައިންގެ ފައިސާ އާއި އޭނާގެ މުސާރައާއެކު އޭނާއަށް މަހަކު 22،000 ރުފިޔާއަށްވުރެ ގިނައިން ލިބޭ ކަމަށެވެ.

އެހެންވެ، އޭނާ ފަގީރުންގެ ދަފުތަރަށް ނާރާނެ ކަމަށާއި އޭނާގެ އެކައުންޓުގައި 75،000 ރުފިޔާ އެބަހުރި ކަމަށެވެ.

އެ އަންހެން މީހާގެ ބޭންކު އެކައުންޓުގެ މައުލޫމާތު ޝަހީމް ހާމަކުރެއްވުމުން ގިނަބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. ޝަހީމް މިހާރު ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވައިފައެވެ.

އެފަހުން ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އަންހެން މީހާގެ ބޭންކު އެކައުންޓުގެ މުއާމަލާތްތައް ހާމަކުރީ އެ އަންހެން މީހާ ހަގީގަތް އޮޅޭފަދަ ގޮތަކަށް ވާހަކަ ދެއްކުމުގެ ސަބަބުން ޒަކާތާ ގުޅޭ ސައްހަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

”އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުއޫރަށް ނުހަނު މަތީ ދަރަޖައަށް އިހުތިރާމްކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މައާފަށް އެދެން“ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޒަކާތު ހައުސްއިން އެއްވެސް ދިވެހި ރައްޔިތަކާމެދު ދެރަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުން އަންނަނީ އަދުލުވެރިކަމާއި އިންސާފުން އަދި އިސްލާމީ ޝަރީއަތުގައިވާގޮތުގެ މަތީންކަން ކަށަވަރުކޮށްދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.