އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ އަނބުރާ ގެންދަން ނިންމައިފިއެވެ.

2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ގައި ދައުލަތުން ވަނީ އާޒިމާއާ ދެކޮޅަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައެވެ.

އެ އޮފީހުން ބުނީ، އެގޮތަށް ނިންމީ އާޒިމާގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަންކަމާއި، އާޒިމާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ ކަމަށެވެ.

އެ ދައުވާތަށް އާޒިމާގެ މައްޗަށް އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުވި މައްސަލައާ ގުޅިގެންނެވެ.

ނަމަވެސް، ދަށު ކޯޓުން ޔާމީނަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

އެހެންވެ، އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން އެދި އާޒިމާ ހައިކޯޓާއި ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.

ނަމަވެސް މަތީ ކޯޓުތަކުން ނިންމާފައިވަނީ އެ ދައުވާތަށް ބާތިލް ކުރަން ޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށެވެ.