ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލ. މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ.މާވަށް / ލިލީނައިޓް، މުހައްމަދު ވިޝާހު އަލީ (24އ) އެވެ.
ފުލުހުންގެ ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ އިން މާވަށަށް ދާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާވަށުގައި މަސައްކަތްކުރާ ފުލުހުން މި މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާވަށު ބަނދަރަށް ކައިރި ކުރި ލޯންޗުގެ ތެރެއިން ކަމަށެވެ.
އެގޮތުން، ލޯންޗުގައި އެވަގުތު އިން މުހައްމަދު އަލީ ވިޝާހު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 8 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިތަކެތީގެ ވަގުތީ ބަރުދަނަކީ 2.52 ގްރާމެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ މާވަށު ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

