ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް ”ނެގެޓިވް“ އައުޓްލުކް ”ސްޓޭބަލް“އަށް މޫޑީޒްއިން ބަދަލުކުރުމަކީ، ސަރުކާރުން ކުރިއަށްގެންދާ އިގްތިސާދީ އިސްލާހުތަކުގެ ހެޔޮ އަސަރުކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މި ރަނގަޅުވި އައުޓްލުކުން ދައްކައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށާއި މާލީ ނިޒާމަށް އިތުބާރު ބޮޑުވަމުންދާކަމެވެ.
މިނިސްޓަރު ވިދާޅުވީ، ބޭރުގެ ނާޒުކުކަންތައްތަކަށް ހައްލު ހޯދުމަށާއި، ގައުމުގެ މާލީ ހާލަތު ވަރުގަދަކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި މުހިންމު އިސްލާހުތަކުގެ ތެރޭގައި ބޭރުގެ ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުމާއި، ޑޮލަރުގެ އާމްދަނީ އިތުރުވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކުރުން ހިމެނެއެވެ.

މީގެ އިތުރުން، ދަޢުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުޑަކުރުމަށް އެހީތެރިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ އަދި އިގްތުސާދީ މިސްރާބަށް އޮތް އިތުބާރު އަލުން ބިނާކުރުމަށް އެހީތެރިވެފައިވާކަމަށެވެ.

ސަރުކާރުގެ އިގްތިސާދީ އިސްލާޙުތަކުގެ އެޖެންޑާ ކުރިއަށްގެންދާއިރު، މާލީ ހާލަތު ހަރުދަނާކުރުމަށާއި، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖްކުރުމަށާއި، ދެމެހެއްޓެނިވި ދިގު މުއްދަތުގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.