ރައީސް ޑރ. މުޙައްމަދު މުއިއްޒު, މިހާރު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި އެމަނިކުފާނާ ކުރައްވަން ބޭނުންވާ ސުވާލުތައް ދުރައިލައި ހުށަހަޅަން ޖެހޭ ކަމަށް ބުނެ ދައްކަމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މި ފަހުން ރައީސް ވިލިމާލެއާއި މަންޗަންގޯޅީ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުންތަކުގައި އާއްމުން ބޭނުން ސުވާލެއް އަދި ހިޔާލެއް ރައީސަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ފުރުސަތު ނުދޭނެ ކަމަށް އަޑުފެތުރިފައިވެއެވެ.

ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ޖެހޭކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

”މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާ ކަންކަމާ ބެހޭ ގޮތުން މިނިވަންކަމާ އެކު އެ ބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި. އަދި ކުރިއަށް ހުރި ބައްދަލުވުންތަކުގައި ވެސް ޢަމަލުކުރައްވާނީ އެ އުސޫލުން,“ ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، އެއްވެސް މީހަކު ރައީސާ ކުރަން ބޭނުންވާ ސުވާލު ނުވަތަ ހިޔާލު އެއްވެސް ފަރާތަކާ ކުރިއާލާ ހިއްސާކުރަން ނުޖެހޭނެ ކަމަށެވެ.