ޖަޕާނުން ދިވެހި ފުލުހުންނަށް، ކަނޑުގައި ދުއްވާ އަށް އުޅަނދު ހަދިޔާކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުން ވަނީ ފަސް ލޯންޗާއި ތިން ރިޖިޑް ހަލްޑް އިންފްލޭޓަބަލް ބޯޓު (އާރުއެޗްއައިބީ) ހަވާލުކޮށްފައެވެ.

ރަސްމީކޮށް ދިވެހި ފުލުހުންނާ އެތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯއެވެ.

ޖަޕާން އެމްބަސީން ބުނީ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމުގެ ދަށުން ދިން އެ ހިލޭ އެހީގެ މަގުސަދަކީ، ރާއްޖޭގައި މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ކަމަށެވެ.

އެ އުޅަނދުތަކަކީ 2022 ވަނަ އަހަރުގެ މެއި މަހު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްގެ ބައެކެވެ.

އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީ އިތުރަށް ކުރިއެރުވުމަށް 650 މިލިއަން ޖަޕާނީސް ޔެން (ގާތްގަނޑަކަށް 5.1 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 78.6 މިލިއަން ދިވެހި ރުފިޔާ) ހިލޭ އެހީ ފޯރުކޮށްދޭނެއެވެ.

އެ މަޝްރޫއު ހާއްސަގޮތެއްގައި ފަރުމާކުރެވިފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށެވެ.

އެގޮތުން، ރާއްޖޭގެ ރަށްތަކުގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް ވަކިން ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

ޖަޕާން އެމްބަސީން ބުނީ ހަދިޔާކުރާ އުޅަނދުތަކުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑުގެ އެކްސިޑެންޓުތަކަށާއި އެހެނިހެން ސަލާމަތީ ކަންކަމަށް އަވަހަށް އަދި ފަސޭހައިން އެޓެންޑުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އަދި އެ އުޅަނދުތަކުގެ ސަބަބުން، ފުލުހުންގެ ހިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހުން ދުވަހަށް ކުރާ ފުލުހުންގެ މަސައްކަތްތައް ހަރުދަނާވެ، ހެޔޮގޮތުގައި ކުރިއަށްގެންދެވޭނެ ކަމަށް ޖަޕާނު ސަރުކާރުން ދެކެއެވެ.